އއ. އދ. މ އަދި ފ އަތޮޅުގެ މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ނެޓްވޯރކެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށައިފި

Sun, 27 Feb 2022 01:10 PM

View on this article on Dhuvas.mv

އއ. އދ. މ އަދި ފ އަތޮޅުގެ މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ނެޓްވޯރކެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށައިފި

އަރިއަތޮޅު އުތުރބުރިއާއި ދެކުނުބުރި ، މީމުއަތޮޅާއި އަދި ފ. އަތޮޅުގެ މަދަނީ ޖަމްޢިއްޔާތައް ހިމެނޭ ނެޓްވޯރކެއް ޤާއިމު ކުރުމުގެ މަސައްކަތް 4 އަތޮޅުގެ މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ފަށައިފިއެވެ.

މިމަސައްކަތް ފަށާފައިވަނީ މި ފެބްރުއަރީ މަހު 16 އިން 19 އަށް އއ.އުކުޅަހުގައި މިނިސްޓްރީއޮފް ޔޫތު އެންޑް ސްޕޯރޓްސް ، ކޮމިއުނިޓީ އެމްޕަވާރމެންޓްއިން އިންތިޒާމުކޮށްގެން މަތީގައިވާ 4 އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފޯރަމްގެ ތެރެއިންނެވެ.

މި ފޯރަމްގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ފޯރަމްގައި ބައިވެރިވި 4 އަތޮޅުގެ 19 ޖަމްޢިއްޔާއިން ވަނީ ނެޓްވޯރކް ޤާއިމު ކުރުމަށް އެއްބަސްވެ އެކަމުގެ އިޤުރާރުގައި ސޮއިކޮށްފައެވެ. އަދި މިޖަލްސާގައި މިނެޓްވޯރކް ކުރިއަށް ގެންދިއުމަށް ޖަމްޢިއްޔާތަކަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތުތައް ހިމަނައިގެން ވެބްސައިޓެއްވެސްވަނީ އިފްތިތާޙު ކޮށްފައެވެ.

މިވެބްސައިޓް އިފްތިތާޙު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް ، ކޮމިއުނިޓީ އެމްޕަވާރމެންޓް އޮނަރަބޮލް އަޙުމަދު މަޚުލޫފްއެވެ.

މިނެޓްވޯރްކްގެ މަސައްކަތް ފުޅާ ކޮށް ތަރައްޤީ ކުރުމުގެ ގޮތުން 4 އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަށް ހިމެނޭގޮތަށް އިސްކޮށް ޙަރަކާތްތެރިވާނެ ޖަމްްޢިއްޔާއެއް ރަޖިސްޓްރީ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިޖަމްޢިއްޔާ ވުޖޫދަށް ގެނައުމަށް މިމަހު 25 ވަނަ ދުވަހު މާލެސިޓީ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި 5 މެމްބަރުން ހިމެނޭ އިންތިޤާލީ ކޮމެޓީއެއްނެގުމަށް ފާސްކޮށް އެކަމަށްވަނީ މިހާރު ހުޅުވާލާފައެވެ. އަދި ޓައިމް ލައިންތަކެއެް ކަނޑައެޅިގެން އިންތިޤާލީ ކޮމެޓީގެ މަސައްކަތަކަށްވާނީ 2022 މާރޗް މަސް ނިމުމުގެ ކުރިން ޖަމްޢިއްޔާ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ނިންމާ އިފްތިތާޙު ކުރުމެވެ.

މިޖަމްޢިއްޔާ ވުޖޫދު ވުމާއެކު 4 އަތޮޅުގައި ހިމެނޭ އެކްޓިވް ހުރިހާ މަދަނީ ޖަމްޢިއްޔާތަކެއް މި ނެޓްވޯރކާއި ގުޅުމަށް ދަޢުވަތު ދިނުމަށްވަނީ ޤަޞްތު ކުރެވިފައެވެ. މި ނެޓްވޯރކްގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ މި 4 އަތޮޅުގައި ހިމެނޭ އެކްޓިވް ޖަމްޢިއްޔާތައް ބާރުވެރިކޮށް ދޭދޭ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން އެކި ދިމަދިމާލުން ހުޅުވާލާ ގްރާންޓްތަކަށް ކުރިމަތިލުމަށް ފުރުޞަތު ތަނަވަސްކޮށްދީ މުޖުތަމަޢުއަށް ފައިދާހުރި ވީހާވެސް ގިނަ ޙަރަކާތްތަކެއް ހިންގާ ރަށްރަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ބަޔަކު ބިނާކުރުމެވެ.



More from Dhuvas.mv